ޕަރީ ފެންގަނޑު
- ލ. ގަން، ތަރިކަ މަގު
ރާއްޖޭގައި މީހުންއުޅޭ ރަށްތަކުގެތެރެއިން ހައްދުންމަތީ ގަމަކީ، ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ ރަށެކެވެ. ބެލެވޭ ގޮތުގައި މިރަށަކީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެވޭލާ ޒަމާނުގެ ޤަދީމީ އާޘާރުތަކާއި ތަންތަން މިރަށުގައި މިއަދުވެސް ހުރިކަމީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ. އަދި މިތަންތަން ހުރުމުން ދޭހަކޮށްދެނީ، މިރަށަކީ އެޒަމާނުގެ ދީނީ، އިޤްތިޞާދީ، އަދި ޘަޤާފީ މުހިއްމު ހިއްޞާއެއް އަދާކުރަމުންދިޔަ ރަށެއްކަމެވެ. މިރަށުގައިހުރި އާޘާރީ ތަންތަނުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުޤުވެރިކަން އެތަނަކަށް ހޯދާފައިވާ އެއް ތަނަކީ ގަމުގެ ”ކުރުހިންނަ“ ތެރޭގައި އޮންނަ ތަފާތު ނަންނަމުން މަޝްހޫރުވެފައިވާ ފެންގަނޑެވެ.
މިފެންގަނޑަށް ކިޔޭ ތަފާތު ނަންތަކުގެތެރޭގައި، ބޮޑުފެންގަނޑު، ރަތްފެންގަނޑު، ނަރަކަ ފެންގަނޑު އަދި ޕަރީފެންގަނޑު ހިމެނެއެވެ. މީގެތެރެއިން މިހާރަށް އެންމެ މަޝްހޫރު ނަމަކީ ”ޕަރީ ފެންގަނޑު“ އެވެ. ބުނެވޭ ގޮތުގައި މިތަނަށް ޕަރީފެންގަނޑޭ ކިޔަނީ ރޭގަނޑަށް މިސަރަޙައްދުން ”އަލިގުޅަ“ ފަދަ ތަކެއްޗާއި ރޫޙާނީ އަންހެން ސޫރަތައް ފެންނާތީއެވެ. މިއަލިގުޅަތައް ތިރިކުރަނީ ފެންގަނޑަށް ކަމަށް ބުނެވެއެވެ. ރަތްފެންގަނޑަށް ”ނަރަކަ“ ފެންގަނޑޭ ކިޔެނީ ވަށައިގެން ހެދިފައިވާ ގަސްތަކުގެތެރެއިން ފެންގަނޑަށް ވެއްޓޭގަހާއި އެޅޭ ފަތުގެ ސަބަބުން ފެންގަނޑު ރަތްވެފައި އޮންނާތީއެވެ.
ގަމުގެ ކުރުހިންނައިގެ އިރުމަތީ ފަރާތުގައި ގޮނޑުދޮށުން ފެށިގެން 70 ފޫޓް ހުޅަނގަށް އޮތް މިފެންގަނޑަކީ ޤުދުރަތީ ގޮތުން އުފެދިފައި އޮތް ފެންގަނޑެކެވެ. ފެންގަނޑު އޮތީ ރަށުގެ ހުރަހަށްވާގޮތަށް އިރުދެކުނުން ހުޅަނގު އުތުރަށެވެ. ފެންގަނޑުގެ ވަށައިގެން ބޯކޮށް ގަސްހެދިފައިވެއެވެ. ފެންގަނޑުގެ އައްސޭރިފަށުގައި ހެދިފައިވަނީ ރަނޑޫ، ބޮޑަވަކި (ބޮޑުވަކި)، ކިނބި އަދި ދިވެހި ރުކެވެ. ފެންގަނޑުގެ ދިރުމަކީ ޖަޕާނު މަހާއި ތެލާޕިޔާއެވެ. ފެންގަނޑުގެ ވަށައިގެން އޮތް ރަނޑޫގަސްތަކުގެ ސަރަޙައްދުގައި ރާއްޖޭގެ އެހެން ރަށްރަށުގެ ކުޅިތަކުންވެސް ފެންނަ ވައްތަރުގެ ބޮޑު ކަކުނި ދިރިއުޅެއެވެ. ކިނބިގަސްތަކުގެ ތޮފަޅުގައި ”ދަނޑިފުޅު ދޫނި“ ހާލި ހަދައިގެން ގިނަ ޢަދަދަކަށް އުޅެއެވެ. އަދި އާންމުކޮށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަ ރާބޮންޖަކީ ފެންގަނޑުގައި ދިރިއުޅޭ މަސްމަހާމެހި ޝިކާރަކުރަން މިތަނަށް ޢާންމުކޮށް ޒިޔާރަތްކުރާ ޝިކާރަވެރިއެކެވެ. މީގެ އިތުރުންވެސް މޫސުމީ ދޫނިސޫފާސޫފި މިތަނަށް އައިސްގޮސްވެއެވެ. އަހާފައިވާގޮތުގައި ތަންކޮޅެއް ކުރިން މިސަރަޙައްދަށް އަންނަ ދޫނިތައް ގިނަވުމުގެ ސަބަބުން ދޫނީގެ ގޮވުމުގެ އަޑު މިއުޒިކެއްގެ ގޮތުގައި އެއް އަޑަކަށް މުޅި ހިސާބުގައި ހިފާލާފައިހުރެއެވެ.
ފެންގަނޑުގެ މަޝްހޫރުކަމަކީ ފެންގަނޑާއި އެމާހައުލުގެ ހިއްގައިމުކަމެވެ. ވަށައިގެންވާ ގަސްތަކުގެ ހިޔަނި ފެންގަނޑަށް އެޅުމުން އެސިފަވާ ރީތި ”ރިފްލެކްޝަން“ގެ ރީތިކަމެވެ. މޫދާއިގުޅުމެއްނެތް މިފަދަ އިތުރު ފުންފެންގަނޑެއް ރާއްޖޭގައި ނެތުމެވެ. ފެންގަނޑާއި ގުޅިގެން ދެކެވޭ އަޖާއިބު ވާހަކަތަކެވެ.