ކިނބި

ކިނބި

Barringtonia asiatica

ސައިންޓިފިކް ނަންBarringtonia asiatica
ދިވެހި ނަންKin'bi
ހާލަތުމާހައުލުނެތިގެން ދިޔުމުގެ ނުރައްކާ
ދިރިއުޅޭ މާހައުލުކުޅިފާ ޗަސްބިން، ހޭޅި ސަރަހައްދު

ދިވެހިން އާންމުކޮށް ކިޔާ ގޮތަށް ނަމަ "ކިނބި" އަކީ ހުޅަނގު އިންޑިއާ ކަނޑުގެ ޖަޒީރާތަކުން ފެށިގެން ޓްރޮޕިކަލް އޭޝިއާ އަދި ހުޅަނގު ޕެސިފިކް ކަނޑުގެ ޖަޒީރާތަކުގެ ޗަސްބިންތަކަށް ނިސްބަތްވާ ގަހެކެވެ. މި ގަހުން އަޅާ މޭވާގެ ބައްޓަން ފޮއްޓަކާ ވައްތަރުވުމުގެ ސަބަބުން މިއަށް އިނގިރޭސިން 'ބޮކްސް ފްރުޓް' ވެސް ކިޔައެވެ.

މި ގަހުގައި އަޅާ މަލަކީ ރީތި މަލެކެވެ. މަލުގެ ފިޔަތައް ހުންނަނީ ހުދުކުލައިގައެވެ. އަދި ކަރުގަނޑުން ނުކުންނަ ހުދު ނަރުވާތަކުގެ ކުރި ހުންނަނީ ފިޔާތޮށި ކުލައިގައެވެ.
މި ގަހުގެ އޮށް ފެތުރެނީ ކާށި ވެސް ފެތުރޭ ގޮތަށް، ކަނޑުގެ އޮއިވަރުންނެވެ. މިއީ ފެނަށް ވަރަށް ގަދަ އަދި ފެންމަތީގައި އޮންނަ އެއްޗެކެވެ. އެތަކެއް އަހަރު ވަންދެން ވެސް ފެންމަތީގައި އޮވެދާނެއެވެ. ރަށެއްގެ ގޮނޑުދޮށަށް ލައްވެ، ވާރޭފެން ލިބުމުން މީގެ އޮށް ފަޅައެވެ.
މި ގަހުގެ މޭވާއާއި އޮށުގައި ވިހަ މާއްދާއެއްކަމުގައިވާ 'ސަޕޯނިންސް' އެކުލެވިގެންވާތީ، މިއީ މުގުރައިގެން މަސް މެރުމަށް ބޭނުންކުރާ އެއްޗެކެވެ. އިނގިރޭސި ބަހުން މިގަހަށް ދެވިފައިވާ އެއް ނަމަކީ މިކަމަށް ރިއާޔަތްކޮށްދީފައިވާ ނަމެކެވެ.

ޒަމާނުއްސުރެ ދިވެހީން މި ގަހުގެ ލަކުޑި ބޭނުންކުރަނީ ބޮޑެތި މަލާފަތް ފަދަ ގެވެށި ކަންވާރު ހެދުމަށެވެ. އަދި މި ގަހުގެ ތޮށްޓާއި، މަލާއި، މޭވާ ދިވެހިބޭސްވެރިކަމުގައި ބޭނުންކުރެއެވެ.